މިއަދުގެ ހުތުބާ ބިނާކޮށްފައިިވަނީ ލަދުވެތިކަމާއި އިއްފަތްތެރިކަމުގެ މައްޗަށް

މީސްމީޑިއާގައި ފާޙިޝް މަންޒަރުތައް ހިމެނޭ ވީޑިއޯތައް ހިއްސާކުރަމުން ދިޔުމަކީ ހިތާމަހުރިކަމެއް: ޚުޠުބާ

ހުކުރު 21 ޖޫން 2024 | އަހުމަދު ދާއޫދު

އެއްވެސް ބިރެއް ނެތި މީސްމީޑިއާގައި ފާޙިޝް މަންޒަރުތައް ހިމެނޭ ވީޑިއޯތައް ހިއްސާކުރަމުން ދިޔުމަކީ ހިތާމަހުރިކަމެއްކަމަށް މިއަދުގެ ޚުޠުބާގައި ބުނެފިއެވެ.

Advertisement


"ލަދުވެތިކަމާ އިއްފަތްތެރިކަން" މި މައުލޫއަށް މިއަދު މުޅި ރާއްޖޭގައި އިއްވި ހުކުރު ހުތުބާ ގައި ބުނީ، ލަދުވެތިކަމާ ޢިއްފަތްތެރިކަމަކީ، އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރުއަޅުއްވައިފައިވާ މަތިވެރި ދެ ސިފަ ކަމަށެވެ.

ލަދުވެތިކަމުގެ މި މާތް ސިފައިގެ މުހިންމުކަމުން ކީރިތި މާތް ނަބިއްޔާ ސޢވ މި ސިފަ ގެންނަވައިފައި ވަނީ އީމާންކަމުގެ ތެރެއިންނެވެ. އިތުރު އެކަލޭގެފާނުޙަދީޘްކުރައްވައިފައި ވެއެވެ. (وَالْـحَيَاءُ شُعْبَةٌ مِنَ الْإِيْـمَانِ) މާނައީ: "ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ." ހަމަކަށަވަރުން ލަދުވެތިކަމުގެ ސިފަ މީހެއްގެ ކިބައިގައި ހުރެއްޖެ ނަމަ، އެ ސިފައިގެ ސަބަބުން އޭނާ ފާފަތަކަށް އަރައިގަތުން މަނާކުރާނެއެވެ. އަދިވެސް ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْـحَيَاءُ لَا يَأْتِيْ إِلَّا بِـخَيْرٍ) މާނައީ: "ހެޔޮކަމާއިގެން މެނުވީ ލަދުވެތިކަން ނާންނާތެވެ". ޚުތުބާގައި ބުނެފައި ވެއެވެ.

މިއާއެކު ޚުތުބާގައި ބުނީ، އެ މީހެއްގެ ކިބައިގައި ލަދުވެތިކަން ހުރެއްޖެ މީހާ، ފާޖިރުކަމާއި، މާތްالله ޙަރާމްކުރައްވައިފައިވާ ކަންތައްތަކާ ދެމެދު ހުރަހެއް ޤާއިމުކޮށްފި ކަމަށާ، އެންމެހައި ނޭއްގާނީ ޢަމަލުތަކުން އެ މީހަކު ދުރުވާނެ ކަމަށެވެ. އަދި އެ ފަދަ މީހަކަށް، މަކާރިމުލްއަޚްލާޤުގެ ރިވެތި ފޭރާމުން ޒީނަތްތެރިވެވޭނެ ކަމަށެވެ.

"ހިތާމައަކީ މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ މި ރިވެތި ސިފައިން ބޭރުވެފައިވާ ތަން ފެނުމެވެ. ހެދުން އެޅުމާއި، މުޢާމަލާތުކުރުމާއި، ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން މި މާތް ސިފަ ނެތެމުންދާ ތަން ފެނުމެވެ. މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ޙަރަކާތްތެރިވަމުން އެ ދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއް ފަރާތް ކުރުމަށްފަހުއެވެ. އެކިއެކި ފާޙިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިއްސާކުރަމުން އެ ދަނީ ހިތުގައި ކުޑަ ވެސް ބިރުވެތިކަމެއް ނެތިއެވެ." ޚުތުބާގައި ބުނެފައި ވެއެވެ.

މިއާއެކު ޚުތުބާގައި ވަނީ، އަހަރެމެންނަކީ އީމާންކަމާއި ޢިއްފަތްތެރިކަމަށް ރައްކާތެރިވާ ލަދުވެތި ބަޔަކުކަމުގައިލެއްވުން އެދު ދުޢާކޮށްފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.